ADVERTISEMENT

420228_3922db62-a_

ފުލިދޫ ކައުންސިލުން ފާހަގަކުރީ ޑޮލަރު އޭޓީއެމްއެއްގެ މުހިންމުކަން

ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ، ވ. ފުލިދޫއަށް ޑޮލަރު އޭޓީއެމްގެ މުހިންމުކަން އެރަށުގެ ކައުންސިލުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ.

މިކަން ހިއްސާކޮށްފައިވަނީ، ރައީސް މުއިއްޒު، ފެލިދެއަތޮޅު ފުލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ވ. އަތޮޅު މަދަރުސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިއަދު ޢަމަލީ މަސައްކަތް ފެށިގެންދިޔަ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢާއެކު ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމަށް މިހާރު ހެދިފައިވާ ކޮންސެޕްޓްގެ ޑިޒައިނަށް ބަދަލުގެނައުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިއަދު ޢަލަމީ މަސައްކަތް ފެށުނު، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމުން މިހާރު ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުވެގެން ދާނެކަމަށް ފާހަގަކުރައްވައި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިތުރަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދެއްވުމާއި ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT