ADVERTISEMENT

-

އާމްދަނީ 7.8 އިންސައްތަ އިތުރުވެ، ޚަރަދުތައް 15 އިންސައްތަ ދަށަށް

އާމްދަނީ އާއި ހިލޭ އެހީ 7.8 އިންސައްތަ އިތުރުވެ، ދައުތަލުން ކޮށްފައިވާ ޚަރަދުތައް 15.5 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، މިދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ހަފްތާގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.5 ބިލިއަން ރުފިޔާއެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 78.0 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 104.6 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 57.9 އިންސައްތަވަނީ އިތުރުވެފައެވެ. ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ މިންވަރުވެސ 17.3 އިންސައްތައިން ވަނީ އިތުރުވެފައެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 56.8 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ.

އާމްދަނީގެ އިތުރުވުމާއިއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 47.9 އިންސައްތަ އިތުރުވެ 1.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ ހަފްތާގައި ދައުލަތުން ކުރި ހަރަދުތައް ވަނީ ދަށްކޮށްފައެވެ. އެގޮތުން މިިދިޔަ ހަފްތާގައި ބަޖެޓުން 25.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.5 އިންސައްތަ ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ޚަރަދު 57.7 އިންސައްތައިން ދަށްވުމެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ.

ރިކަރަންޓް ޚަރަދުގެ 56.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.5 އިންސައްތަ ދަށް ޢަދަދެކެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 66.1 އިންސައްތަ، 09 ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 51.7 އިންސައްތައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT