މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 6,374,926 ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން އެދުވަހު 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 1,476,368 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ މިސަރުކާރުން އިސްކަންދެއްވާ މުހިންމު ތަސައްވުރެކެވެ. މި ތަސައްވުރު ހާސިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ މިނިސްޓްރީން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.