ADVERTISEMENT

232a143f-edd1-47ef-aef0-9837183b8013

ސްކޭމް މައްސަލަތަކުގައި ގެއްލުނު ދެ މިލިއަން ރުފިޔާ ހޯދައިފި

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުގެ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ފުލުހުންގެ ޑިޕާޓްމަންޓެކެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަވެސް މި މުއްދަތުގައި ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތަކުގައި ޖުމުލަ 11،040،491.28 ރުފިޔާ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން 2،515،484.13 ރުފިޔާ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.

މި މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ސްކޭމާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. ސްކޭމްގެ ވައްޓަފާޅި ނުވަތަ ސްކޭމަރުން ގެންގުޅޭ އުކުޅުތައް އަބަދުވެސް ބަދަލުވަމުންދާކަން ދެނެގަނެ، ޒަމާނާ ގުޅިގެން އުފަންވަމުން އަންނަ ކަންކަމަށް ވިސްނުންތެރިކަމާއެކު ސައްކަތް ކުރަމުންދާކަމަށް އެ ސެންޓަރުން ބުނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT