އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ކަނޑައަޅައި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފިއެވެ.
މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަގުބަލާ މެދު މަޝްވަރާކުރާނެއެވެ.
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވަނީ އައްޔަންކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށެވެ.
” އޭޝިއާގެ ބޭންކިންގ ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން މި އޮތީ ތައްޔާރަށް.” ޝަރީފް ވިދާޅުވިއެވެ.
މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވާފައެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިންގ ދާއިރާގައި ބިއެމްއެލްގެ ނުފޫޒާއި ލީޑަރޝިޕް އިތުރުވަމުންދާކަން ހާމަވެގެންދާކަން ކަމުގައި ބީއެމްއެލްއިން ވަނީ ސިފަކޮށްފައެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުލޫތަކާ ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިންގ ސެޝަންތައް ހިމެނޭނެއެވެ.