ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް އިސްލާހު ހުށައެޅީ، މީޑިއާއަށް އެއްވެސް ހުރަހެއް ކުރިމަތިނުކޮށް، ދޮގު މައުލޫމާތުން އާންމުން ރައްކާތެރިކުރުމުގެ މަގުސަދުގައިކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ބިލާއި ގުޅޭގޮތުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށައަޅާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ފޯސްޓެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ބިލަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ މީޑިއާއަށް އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމާއެކު، ދޮގު މައުލޫމާތުން އާންމުން ރައްކާތެރިކުރުންކަމަށެވެ. މި ބިލުގައި ޒިންމާދާރުކަމާއެކީ މީޑިއާއިން މައުލޫމާތުތަކުގެ ބޭނުންކުރުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަމަށް އަލިއަޅުވާލެވޭނެ މުހިންމު ސިޔާސަތުތަކެއް އެކުލެވިގެންވާކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، އާންމުކޮށް ގިނަ ބިލުތަކުގައި، މާނަކުރަންޖެހޭ ކަންކަން މާނަކޮށް، އިތުރަށް ތަފްސީލްކުުރުމުގެ މަސައްކަތް ކުރަނީ، ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެގޮތުން މި ބިލުގައި ހުރި ބައެއް ލަފްޒުތަކުގެ މާނަ އިތުރަށް ސާފުކޮށްދޭން އެދިފައިވާނެ ކަމަށާއި، އެގޮތުން “އިލެކްޓްރޯނިކް މީޑިއާ”އަކީ ކޮބައިކަން ތަފްސީލުކޮށް ހިމަނަން ހުށަހަޅައިފައިވާނެކަން އުޝާމް ފާހަގަކުރެއްވިއެވެ.
އޭޖީ އޮފީހުން މީޑިއާ ބިލަށް ހުށައެޅި 14 އިސްލާހު:
- ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން؛
- ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިޞްލާޙުކުރުން؛
- ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުން؛
- ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުޠެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިޞްލާޙުކުރުން؛
- ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމެނުން؛
- ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން؛
- ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ “ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު” އުނިކޮށް، “ޢާންމު މަޞްލަޙަތާގުޅޭ މައްސަލަތަކުގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު” ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްޞީލުކުރުން؛
- ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން.
- މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން؛
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ހިމެނުން؛
- ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން؛
- ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން؛ އަދި
- މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުން