ADVERTISEMENT

1035x593-M1X0P9rx37acHrHl32MN7ls6Q0tDw54w9iwoSsG0

މިމަހު 25 އިން ފެށިގެން އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާންއިން މުއާމަލާތް ކުރެވޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީފިއެވެ.

އެމްއައިބީން މިއަދު ހާމަކުރި ގޮތުގައި 25 ސެޕްޓެންބަރުއިން ފެށިގެން، އެ ބޭންކް މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެމްއައިބީން ޗައިނީސް ޔުއާންއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އެމްއައިބީން ކޯ-ސްޕޮންސަރ ކޮށްގެން އިކޮނޮމިކް މިނިސްޓްރީއާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން “ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް – އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ” ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ވެބިނާއެއް ވަނީ އިއްޔެ ބާއްވައިފައެވެ.

އިއްޔެގެ ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އަލީބާބާ.ކޮމް ގައި ދިވެހީންނަށް ސެލާ އެކައުންޓް ހުޅުވުމުގެ ފުރުސަތާއި އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT