ރާއްޖޭގެ ކޯޓުތަކުން ހުކުމެއް ކުރަންވީގޮތެއް، ނުކުރަންވީ ގޮތެއް އެއްވެސް އިރަކު ބަލާފައި ނުވާނެކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައިވެސް ނުބަލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ގެނެސްދިން ‘ރައްުޔިތުންނާއެކު’ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީއަކީ ފެށުނީއްސުރެވެސް، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާތަނެއްކަމަށެވެ. އެއީ ޖުޑިޝަރީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
އެހެން ކަންތައްތައްވީމާ، ޖުޑީޝަރީއަށް ވަރަށް ބޮޑު ނިކަމެތިކަމެއް މި ދެވެނީ. ކުރަން ހުންނަ މުހިންމު ޚަރަދުތައްވެސް ނުކުރެވި، ސަލާންޖަހަން ޖެހެނީ. އެކަމަކު މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ. އުއްތަމަ ފަނޑިޔާރެއް ހުރެފައި، ސްޕްރީމް ކޯޓެއް ހުރެފައި، އަދި އެހެން ހުރިހާ ކޯޓުތަކެއް ހުންނަ ވަކި ނިޒާމެއް މިއީ. ވަކި ބާރެއް. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖުޑިޝަރީ މިނިވަންކުރުމަކީ މި ސަރުކާރުން ކުރާނެ މުހިންމުކަމެއްކަމަށެވެ. މި އަހަރު ސްޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތްވެސް ހުޅުމާލޭގައި ފެށޭނެކަމަށާއި، މިއީ ވޭތުވެދިޔަ އެތައް އަހަރަކު، ކޮންމެ ސަރުކާރަކުންހެން ދައްކަމުންއައި ވާހަކައެއްކަމަށް ރައީސް ވިދާޅުވިއެވެ. ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް ދެމަސްތެރޭ ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކި ގޮތްގޮތުން، ޖުޑީޝަރީ މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވުމުން، ވަރަށް ބޮޑަށް ޖުޑީޝަރީ މިނިވަންވެގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުވެސް، އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް، ދުވަހަކުވެސް ހުކުމެއް ކުރާނެ ގޮތެއް ބަލާފައި ނުވާނެކަމަށެވެ. އަދި ކުރިޔަށްއޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނެކަމަށެވެ.
“އަޅުގަނޑު އަދި ރައީސް އޮފީހަކުންވެސް، ސަރުކާރުގެ އެއްވެސް މުޢައްސަސާއަކުން، އެއްވެސް އޮފީހަކުންވެސް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސްކަމެއްގައި ހުކުމެއް ކުރުމުގައި ކުރަންވީގޮތެއް، ނުކުރަންވީ ގޮތެއް ބަލައިފައެއްވެސް ނޯންނާނޭ. ނުވެސް ބަލާނަން. ކޯޓަށް މީހަކު ހާޒިރުކުރަނީ ކޮންއިރަކުތޯ، ކީއްކުރަންތޯވެސް ނުބަލަން. ނުވެސް ބަލާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޖުޑީޝަރީއަކަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށެވެ.