ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ ގުޅިގެންނެވެ.
މި މަޝްރޫއުގައި ބައިވެރިވާން ބޭނުންވާ ކޮމިޓީތަކުން، 25 ސެޕްޓެންބަރުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ޕްލޭނެއް ހުށައަޅަން ޖެހެއެވެ.
ޕްލޭންގައި ހިމަނަން ޖެހޭ ކަންކަން:
- މަސައްކަތުގެ ތާވަލު
- 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަހައްދުގެ ތަފްޞީލު: (ސަރަހައްދުގެ ބޮޑުމިން، ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު)
- ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭން
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރޭގައި، ފަތްކެޔޮ އިންދުމަށް އެކަށީގެންވާ ބިން ހޯދައި، ބިން ސާފުކޮށް، މުޑުއްވަން އިންދުމަށް ބޭނުންވާ ވަޅުތައް ކޮނެ، ދަނޑުތައް ބެލެހެއްޓުން ހިމެނެއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނީ، މި މަސައްކަތަށް ބޭނުންވާ މުޑުވަށް މިނިސްޓްރީން ފޯރުކޮށްދޭނެކަމަށާއި، ދަނޑަށް ބޭނުންވާ ގަސްކާނާ އަދި ޓެކްނިކަލް މައުލޫމާތުވެސް އެމިނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ހާއްސަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ގާއިމްކުރާ ގައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި ފަތްކެޔޮ ހައްދަން ޝައުގުވެރިވާ ދަނޑުވެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތައާރަފްކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން ރާވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަން ފާހަގަކުރެވެއެވެ.