ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދގެ ޖެނެރަލް އެސެމްބްލީ އިން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެދައުލަތެއް ގާއިމުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރްޙަބާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި، މިފަދަ ކަންކަމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެފައިވެއެވެ.
އަދި، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާކަމެއް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ދަނީ މިނިވަން ދެދައުލަތެއް ގާއިމްކުރުމަށް ބައިނަލްެއަޤްވާމީ ފެންވަރެއްގައި މަސައްކަތްކޮށް، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، އަޑުއުފުލަމުންނެވެ.