މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާއެކު ރެގިއުލޭޓްކުރާނީ ރަޖިސްޓްރީކޮށް ހިންގާ ނޫސްތައް އެކަނިކަމަށާއި، މިބިލާއި ކޮންޓެންޓް ކްރިއޭޓަރުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިލުގައި މީޑިއާ މާނަކޮށްފައި އޮތީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށާއި، ބިލު ތަންފީޒު ވާނީވެސް އެ މީޑިއާތަކަށް ކަމަށެވެ.
އަސްވާޑް ވިދާޅުވީ މީޑިއާގައި ނޫޅޭ އެއްވެސް ފަރާތެއް، މި ބިލުގެ ދަށުން ރެގިއުލޭޓް ނުކުރާނެކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ކޮންޓެންޓު ހަދާ ޒުވާނުންވެސް މި ބިލުގެ ދަށުން ރެގިއުލޭޓް ނުކުރާނެކަމަށް ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވީ، ބިލާއެކު، ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގެ ދަށުން ހިންގާ، ސޯޝަލް މީޑިއާ ހުރިހާ ޕްލެޓްފޯމެއް، އޭގެތެރޭގައި އިންސްޓަގްރާމް، ފޭސްބޫކް އަދި ޓްވިޓަރ ވީނަމަވެސް ހުރިހާ ޕްލެޓް ފޯމެއްގައި ހިއްސާ ކުރާ ޚަބަރާއި މައުލޫމާތަށް އެ މީޑިއާއަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އާއްމު ފަރާތަކުން ކުރާ ޕޯސްޓަކަށް ނުވަތަ ދައްކާ ވަހަކައަކާއި އެ ބިލާއި އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން އެ ބިލު އެންމެންގެ މައްޗަށް ތަންފީޒުވާނެ ކަމަށް ބުނި ނަމަވެސް އެއީ ތެދު ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީޑިއާ ބިލާ މެދު އެކިއެކި ނޫސްވެރިންގެ ހިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބިލާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަން އަސްވާޑް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އިއްޔެ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައެވެ.