ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އެބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މިބިލު ފާސްކޮށްފައިވަނީ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ހެނދުނުން ފެށިގެން ވަނީ މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތްކޮށްފައެވެ. އެ އިސްލާހުތަކާއެކު ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. އެއާއެކު ކޮމިޓީ ބަލަން ގޮސްތިބި ނޫސްވެރިންނާ އާންމުން އިހުތިޖާޖުކުރަން ފެށުމުން ކޮމިޓީ މެދުކަނޑާލީއެވެ.
5:30 ހާއިރުގައި އަލުން ކޮމިޓީގެ މަސައްކަތް ފަށައި، ކޮމިޓީގެ މުގައްރިރު ހުސައިން ރިޟާ އާދަމް ވަނީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ބިލު ފާސްވެފައިވާކަން އިއުލާންކުރައްވާފައެވެ.
ބިލަށް ސަރުކާރުން ހުށައެޅި ބައެއް އިސްލާހުތައްު:
- ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން؛
- ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިޞްލާޙުކުރުން؛
- ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުން؛
- ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުޠެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިޞްލާޙުކުރުން؛
- ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމެނުން؛
- ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން؛
- ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ “ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު” އުނިކޮށް، “ޢާންމު މަޞްލަޙަތާގުޅޭ މައްސަލަތަކުގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު” ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްޞީލުކުރުން؛
- ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން.
- މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން؛
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ހިމެނުން؛
- ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން؛
- ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން