ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް އެކަކާއި އާއި ފޭސް ދޭއް ގުޅޭ ޗެނަލް ސަރަހައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއްކަމަށެވެ. އަދި އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އެހެންކަމުން އެ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީއާއި އެ ސަރަޙައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރާވާފަވާތީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދަކީ މޫދަށްއެރުމާއި މަސްބޭނުން އަދި މޫދު ކުޅިވަރުތަކަށް ގިނަ ބަޔަކު ބޭނުންކުރަމުންދާ ސަރަހަށްދެކެވެ.