ADVERTISEMENT

-

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، “ތިޖާރާ ރަށު ފަތުރު” ގެނަމުގައި ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.

’އެސްޑީއެފްސީ ތިޖާރާ’ ގެ ދަށުން ތައާރަފްކުރެވުނު މި ފެސިލިޓީގެ މައިގަނޑު މަޤްސަދަކީ، އެސްޑީއެފްސީން ބުނިގޮތުގައި އިސްލާމީ ޝަރީއާގެ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި،  އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

’ތިޖާރާ ރަށު ފަތުރު’ގެ ފައިނޭންސިން ރޭޓަކީ އަހަރަކަށް 9.5 އިންސައްތަ އެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް ލިބޭއިރު ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަސް ލިބެ އެވެ.

މި ފެސިލިޓީގެ ދަށުން ފައިނޭންސިން ލިބޭނެ އެސްޑީއެފްސީން ބުނިިގޮތުގައި:

• އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް ނުވަތަ އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށް

• މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްޤީކުރުމަށް: ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް

• ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް؛ ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކަށް، ވޯޓަރ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތައާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.

• ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޮންލައިން ބުކިން ސިސްޓަމްތައް ޤާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް

“ތިޖާރާ ރަށު ފަތުރު” އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށަހަޅާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

’އެސްޑީއެފްސީ ތިޖާރާ’ އަކީ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ މާލީ އުސޫލުތަކާ އެއްގޮތްވާ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރުކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ވިޔަފާރިތައް ފުޅާކުރުމަށާއި އައު ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެސްޑީއެފްސީ ތިރާޖާގެ މަގްސަދެކެވެ.

އެސްޑީއެފްސީގެ އަމާޒަކީ ޝަރީޢާއާއި އެއްގޮތަށް ފަރުމާކުރެވިފައިވާ އިތުރު ފައިނޭސިންގ ފެސިލިޓީތައް އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެސްޑީއެފްސީ ތިޖާރާ’ ގެ ދަށުން ތަޢާރަފް ކުރުމެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT