ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ކުޅެވޭ ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.
ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ފުޓުބޯޅައިގެ ހާލަތު ދަށްކޮށް އޮތް މިހާލަތުގައި މިއަދު ރާއްޖެ ހޯދީ މުހިއްމު މޮޅެކެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ހަސަން ނާއިޒް ރާއްޖެއަށް ލީޑު ހޯދައިދިން އިރު، މެޗުގެ 34 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މެޗުގެ ދެވަނަ ހާފުގައި ލަންކާއަށް ޕެނަލްޓީއެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ރާއްޖޭގެ ތިންވަނަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައެވެ. އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
އިލާން ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ އިތުރުން ގައުމީ ޓީމަށް އެސިސްޓެއް ހަދައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާއަށް މިއަދުގެ މެޗަކީ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. މިއަދުގެ މޮޅަކީ އެންމެފަހުން ކުޅުނު ހަ މެޗުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވާ އިރު، މިފަހަރުގެ މެޗަށްވެސް ރާއްޖެ ދިޔައީ މަދު ޕްރެކްޓިސްތަކަކަށް ފަހުއެވެ. ލީގު މެދުކަނޑިފައި އޮންނަތާވެސް ދުވަސްތަކެއް ވެފައިވާ އިރު، މިއަދުގެ ބައްޔަކީ ލަންކާއަށް އުނދަގޫ ބައްޔަކަށްވާނެއެވެ. މިދިޔަ 23 އަހަރު ދުވަހުގައި ލަންކާއަށް ރާއްޖެ ބަލިކުރެވިފައި ނުވާ އިރު، އެޓީމުން މިއަދު ނުކުތީ 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރުމަށް ކަމަށް މެޗުގެ ކުރިން ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފައިވެއެވެ.
އެކަން ހާސިލުނުވެ މެޗު ނިމިގެން ގޮސްފައިވާ އިރު، ލަންކާއާ ރާއްޖެ ކުޅޭ ދެކުނު އޭޝިއާ ސުޕަ ކަޕްގެ ދެވަނަ މެޗު އޮންނާނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.